ކްރިޕްޓޯ ކަރަންސީ ފަދަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ އިޤްތިޞާދަށް ނުވަދެ ސީދާ ރާއްޖެއިން ބޭރަށް ފައިސާ ދެވޭގޮތަށް ހުރި ފުރުޞަތުތައް ބަންދުކުރުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކަށް އިސްލާޙު ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޭޖީ އުޝާމް މިފަދައިން ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ މައްސަލައަށް ހައްލު ހޯދުމަށް ބޭރު ފައިސާގެ ޤާނޫނަށް ގެނައި އިސްލާޙުތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިޔާގެ ސުވާލުގައި، ޑޮލަރުގެ ކަޅު ބާޒާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، ޑޮލަރުން ސީދާ ވިޔަފާރި މާރުނުކުރެވޭތީ ބައެއް ފަރާތްތަކުން ކްރިޕްޓޯ ކަރަންސީއާއި، ޓޫރިސްޓުންގެ ފަރާތުން ސީދާ ބޭރުގެ ބޭންކުތަކަށް ޓީޓީ ހަދައިގެން ފައިސާ ހޯދަމުންދާކަން ފާހަގަކުރިއެވެ. އަދި މި ފައިސާ ރާއްޖޭގެ އިޤްތިޞާދީ ދައުރަށް ނުވަދެ ބޭރުވެގެންދާތީ އެކަން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިތޯ ސުވާލުކުރިއެވެ.
ސުވާލަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ، އެފަދަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި، ޤާނޫނީ ފްރޭމްވޯކް ފުރިހަމަކުރުމުގެ ގޮތުން އެމްއެމްއޭ އާއެކު މަޝްވަރާކޮށްގެން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
މި މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރާއެކުވެސް މަޝްވަރާ ކުރެވިފައިވާކަން ފާހަގަކުރައްވަމުން، އޭޖީ ވިދާޅުވީ މި ކަންކަމަށް ހައްލު ހޯދުމަށް ގެންނަންޖެހޭ އިސްލާޙުތައް ކުރިއަށް އޮތް މަޖިލިސް ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭވަރު ވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



