މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ނިޔަލަށް އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ޖުމްލަ 86،637 ފަރާތެއް ވަނީ ރަޖިސްޓްރީވެފައެވެ. މީގެ ތެރޭގައި އަމިއްލަ ފަރުދުންގެ ގޮތުގައި ރަޖިސްޓްރީވި 60،489 މީހުންނާއި، 25,865 ކުންފުންޏާއި ވިޔަފާރިތައް ހިމެނެއެވެ.
މުވައްޒަފުންގެ މުސާރައިން ނަގާ ވިތުހޯލްޑިން ޓެކްސްގެ އެންމެ ބޮޑު ބަޔެއް (55.2 އިންސައްތަ) ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އިންކަމް ޓެކްސް ގާނޫނުގެ ދަށުން މަހަކު 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ މުސާރައިން ޓެކްސް ނަގަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި އަހަރަކު 720،000 ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ 1,454 ފަރާތަކުން 2024 ވަނަ އަހަރު ވަނީ ޓެކްސް ބަޔާން ހުށަހަޅާފައެވެ. ވަކިވަކި ފަރުދުންގެ އަތުން 2025 ވަނަ އަހަރު ޓެކްސްގެ ގޮތުގައި 172.08 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ ޖުމްލަ އިންކަމް ޓެކްސްގެ 3.3 އިންސައްތައެވެ.
މި ތަފާސްހިސާބުތަކާއެކު، މަހަކު 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ މުއްސަނދިންނަށް އާސަންދައިގެ ފުލް ކަވަރޭޖް ދިނުން ހުއްޓާލަން ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާނުކުރައްވާފައެވެ. ރައީސް ވިދާޅުވީ، މުއްސަނދިންނާއި އިންކަމް ޓެކްސް ދައްކާ ފަރާތްތަކަށް އާސަންދަ ދޭ އުސޫލު އަންނަ މަހުން ފެށިގެން ބަދަލުކުރެވޭނެ ކަމަށެވެ. އެގޮތުން، ބޮޑު އާމްދަނީ ލިބޭ މީހުންނަށް ކުރިއަށް އޮތް ތަނުގައި އާސަންދައިގެ ޚިދުމަތް ލިބޭނީ "ކޯ-ޕޭ" އަދި "ޕްރީ-ޕޭ" އުސޫލުން ނުވަތަ އަހަރީ ފީއެއް ދައްކައިގެން ކަމަށް ރައީސް ހާމަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



