އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މެދުނުކެނޑި ކުރަމުންދާ ވިއްސާރައިގައި، މިއަދުގެ ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން މަޢުލޫމާތު ދިން ގޮތުގައި ފޭދޫގެ ގެތަކަށް ފެންވަދެ ލިބުނު ގެއްލުންތަކުގެ ތެރެއިން، އެއް ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅި، ދިރިނޫޅެވޭ ވަރަށް ޙާލަތު ގޯސްވުމުގެ ސަބަބުން އެ ގޭގައި ދިރިއުޅޭ 8 މީހަކު މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވިފައެވެ. މީގެ އިތުރުން ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ވެސް ވަނީ އެ އިދާރާއަށް ރިޕޯޓުކޮށްފައެވެ.
އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް ދަނީ ބޯކޮށް ވިއްސާރަކުރަމުންނެވެ. ވަކިން ޚާއްޞަކޮށް ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި، ރަށުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.
އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި ފެންބޮޑުވެފައިވާ ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ރައްޔިތުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



