އެއްވެސް ކުއްޖަކު ބާކީ ނުވާފަދަ އިންކްލޫސިވް ތަޢުލީމީ ވެއްޓެއް ޤާއިމުކޮށް، ވޮކޭޝަނަލް ތަމްރީނު އިތުރަށް ފުޅާކުރުމާއެކު ޤައުމީ ތަޢުލީމީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ. އަށްވަނަ ބައިނަލްއަޤްވާމީ މުދައްރިސުންގެ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ މަންހަޖުގެ މައިގަނޑު އަމާޒަކީ އިމްތިހާނުތަކަށް އެކަނި ތައްޔާރުވުމުގެ ބަދަލުގައި، ސްކޫލް ދައުރު ނިންމުމަށްފަހު ދަރިވަރުން ޢަމަލީ ދިރިއުޅުމުގެ މައިދާނަށް ފުރިހަމައަށް ތައްޔާރުކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަރުދަނާ ތަޢުލީމީ ސިސްޓަމެއް ޤާއިމުކުރުމަށްޓަކައި ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ އިމްތިހާނުގެ ނަތީޖާއަށް ވެގެން ނުވާނެކަން ފާހަގަކުރައްވަމުން، ސިނާޢަތްތަކާއި އީޖާދީ ވިސްނުންތަކަށް ބިނާވެފައިވާ ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނުތަކުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި ދަރިވަރުންގެ ތަފާތު ބެކްގްރައުންޑްތަކާއި، ޤާބިލުކަމާއި، ދަސްކުރުމުގައި ހުންނަ ދަތިތަކަށް ހައްލު ހޯދައިދޭނެ އިންކްލޫސިވް ކްލާސްރޫމްތަކެއް ހުރުން ނުހަނު ބޭނުންތެރިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ވަޞީލަތްތަކުގެ ސަބަބުން ކިޔަވައިދިނުމަށް ފަސޭހަތަކެއް ލިބުނު ނަމަވެސް، އެއީ މުދައްރިސެއްގެ މިންނެތް މަސައްކަތުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް އަޚްލާޤާއި އުޞޫލުތައް ދަސްކޮށްދީ ހިތްވަރުދޭ ބަޔަކަށްވާތީ، މުދައްރިސުންގެ އިސްނެގުމާއި މަސައްކަތާ ނުލައި އެއްވެސް ތަޢުލީމީ ސިޔާސަތެއް ނުވަތަ މަންހަޖެއް ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވައި، އެފަދަ ކަންކަމުގައި ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މިމަހުގެ 12 އިން 13 އަށް ކުރިއަށްގެންދާ މި ކޮންފަރެންސްގެ ތީމަކީ "Reimagining, Rethink, Reform – Advancing Innovation for an Equitable and Resilient Future" އެވެ. މި ކޮންފަރެންސްގައި ރާއްޖެއާއި ބޭރުގެ މުދައްރިސުންނާއި، ލީޑަރުން އަދި ދިރާސާވެރިން ބައިވެރިވެ ތަޢުލީމީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
މި ލިޔުން ކިޔާލުމުން



