މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅައިބަލާއިރު، ނިމުނު އޯގަސްޓު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު 6.26 ޕަސެންޓް އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަދި މަހުން މަހަށް އައި ބަދަލަށް ބަލާއިރު، އަސާސީ މުދަލުގެ އެވްރެޖް އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ އިންޑެކްސް އިން ދައްކާ ގޮތުގައި ތަކެތީގެ އަގު ވަނީ 1.42 ޕަސެންޓް އިތުރުވެފައެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައިވާ ގޮތުން ކާބޯތަކެތީގެ އަގު އަހަރީ ގޮތުން 5.93 ޕަސެންޓް އުފުލިފައިވާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ އެއްގަމު މަހުގެ ބާވަތްތަކުންނެވެ. އެއީ 23.13 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން ކިރާއި ކިރުގެ ބާވަތްތަކާއި ބިހުގެ އަގު 12.10 ޕަސެންޓް އުފުލި، ތަރުކާރީގެ އަގު 5.45 ޕަސެންޓް ބޮޑުވެފައިވެއެވެ. އަދި އަހަރީ ގޮތުން މޭވާގެ އަގު ދަށްވި ނަމަވެސް، ޖުލައި މަހާ އަޅައިބަލާއިރު އޯގަސްޓު މަހު މޭވާގެ އަގު ވަނީ 3.50 ޕަސެންޓް އުފުލިފައެވެ. ގޭހާއި ތެލުގެ އަގު މަހުން މަހަށް ބަދަލެއް ނުވި ނަމަވެސް، މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅައިބަލާއިރު އެފަދަ ބާވަތްތަކުގެ އަގު ވަނީ 14.54 ޕަސެންޓް ބޮޑުވެފައެވެ.
ރާއްޖެއަކީ ކާބޯތަކެއްޗާއި ތެލަށް އިމްޕޯޓަށް މުޅިން ބަރޯސާވާ ޤައުމަކަށްވާތީ، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫއަރައި، ތެލާއި އެހެނިހެން ތަކެތީގެ އަގުތައް ވަނީ އުފުލެން ފަށައިފައެވެ. މި އަހަރަކީ ރާއްޖޭން 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ އަހަރަކަށްވެފައި، ހަނގުރާމަ ދިގުދެމިގެންދާތީ އަގުތައް އިތުރަށް އުފުލޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އާއި ބޭރުގެ އިދާރާތަކުން ވަނީ އަންދާޒާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



