ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފްލެޓްތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ މަޝްރޫއު އެ ކުންފުނިން ފަށައިފިއެވެ.
އެފްޑީސީން މައުލޫމާތު ދޭ ގޮތުގައި "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުރިއަށްދާ މި މަޝްރޫއުގެ ދަށުން، ކުރިން 5 އިންޗިއަށް ހުޅުވޭ ގޮތަށް ހުރި ކުޑަދޮރުތައް ހުޅުވޭ މިންވަރު 4 އިންޗިއަށް ކުޑަކުރުމަށް ސްޓޮޕަރު ހަރުކުރަމުންދެއެވެ. އަދި މީގެ ސަބަބުން އެޕާޓްމަންޓްތަކުގެ ވެންޓިލޭޝަނަށް އެއްވެސް ދަތިކަމެއް ނުލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ.
މި ސަލާމަތީ ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ދެވަނަ ފިޔަވަހީގެ ފްލެޓްތަކުން ދެ ކުއްޖަކު ވެއްޓުނު ހިތާމަވެރި ހާދިސާތަކަށްފަހުއެވެ. އެގޮތުން ސްޓެލްކޯ ފްލެޓުން ދެ އަހަރުގެ ކުއްޖަކު ވެއްޓި މަރުވެފައިވާއިރު، އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެފައިވެއެވެ. މީގެ އިތުރުން އެޗްޑީސީންވެސް ދަނީ އެ ކުންފުނީގެ ދަށުން ހިންގާ ފްލެޓްތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
މި ލިޔުން ކިޔާލުމުން



