މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، ހުޅުމާލޭގައި އެ އޮތޯރިޓީގެ އާ އޮފީސް އިމާރާތް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ޖުމްލަ 8،064 އަކަ މީޓަރުގެ ބިމެއްގައި ތަރައްގީކުރާ މި އިމާރާތުގައި އޮފީސް ޖާގައިގެ އިތުރުން ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޚާއްސަ ތަންތަނާއި، ތަމްރީނުދޭނެ ބަޔާއި، ކޮންފަރެންސް ހޯލެއްގެ އިތުރުން މާލީ އިދާރާތަކަށް ޚާއްސަ އޮފީސް ޔުނިޓްތައް ހިމެނޭނެއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ހުޅުމާލޭގައި އާ އިމާރާތެއް ބިނާކުރަނީ ދައުލަތުގެ ހަޒާނާގެ ސެކިއުރިޓީ ވަރުގަދަކޮށް، ބޭންކުތަކަށް ފައިސާ އުފުލައި ބެލެހެއްޓުމުގައި ސަލާމަތީގޮތުން ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެކަށީގެންވާ ޖާގައެއް ހޯދުމުގެ ބޭނުމުގައެވެ.
ކޮންޓްރެކްޓާ ފައިނޭންސިންގ އުސޫލުން ކުރިއަށްދާ މި މަޝްރޫއުގެ 85 އިން 90 އިންސައްތައާ ދެމެދުގެ ފައިސާ ހަމަޖައްސަންޖެހޭނީ ކޮންޓްރެކްޓަރެވެ. އަދި ބާކީ ބައި ހަމަޖައްސައިދޭނީ އެމްއެމްއޭއިންނެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.
މި ލިޔުން ކިޔާލުމުން



