ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް މިހާތަނަށް 65 މެސެޖު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި މެސެޖުތަކުގައި ހިމެނެނީ ބިދޭސީ 27 މީހެއްގެ މައުލޫމާތާއި، ހުއްދަނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 18 ތަނަކާއި، ޤަވާއިގާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 4 ތަނެއްގެ މައުލޫމާތެވެ. އަދި މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ފުލުހުންގެ ހޮޓްލައިނަށް އައިސްފައިވެއެވެ.
މި މައުލޫމާތުތަކާ ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މަޢޫލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓާސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733އަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ އެޕްލިކޭޝަން މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ވަނީ އަންމު ރައްޔިތުންނަށް ހުޅުވާލާފައެވެ.
މި ލިޔުން ކިޔާލުމުން



