މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު، އެ މަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު އުފުލި ހަލާކުވެފައިވާތީ، އެ މަގު އަލުން މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި، އަމީނީމަގުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު، ފުރަތަމަ ސެގްމަންޓުގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި، އެމްސީ-30 ޕްރައިމް ކޯޓް ޖެހުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މި ތައްޔާރީތަކާއެކު، މި ހަފުތާގެ ތެރޭގައި އެ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތެވެ. އެއީ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް، މަސައްކަތް ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ޚާއްސަކޮށް މަގުގެ ހުޅަނގު ފަރާތުގެ ތާރުގަނޑު އުފުލި މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މަގު މިހާ އަވަހަށް ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް ބަސް ފަދަ ބަރު އުޅަނދުތަކަށް މަގު ހުޅުވާލުމެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުން އަމީނީމަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



