އާދިއްތަ, November 1
ކުންފުނިތައް އިޞްލާޙު ކުރެއްވުމަށް އެޅުއްވި ފިޔަވަޅުތަކުން ބޭކާރު ޚަރަދުތައް ނައްތައިލެވޭނެ: ފަޙްމީ

ސަރުކާރު ހިއްސާވާ ކުންފުނިތައް އިޞްލާޙުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުންތަކަކީ، އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ނިންމެވުމެއް ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވެއްޖެއެވެ.

ފަޙްމީ މިހެން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުންތަކާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަޙްމީގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކުންފުނިތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމާއި، ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމުގެ އިތުރުން ޤައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަކުރުމަކީ ކުންފުނިތަކުގެ އެންމެ މުހިންމު ލަނޑުދަނޑިތަކަށް އިސްކަންދެވިގެންދާނެ ކަމެކެވެ. އަދި މިއީ ކުންފުނިތަކުގެ ކާރިސާދާރުކަމާއި ޒިންމާދާރުކަން އިތުރުކޮށް، ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ނިންމެވުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މާނަހުރި އިޞްލާޙީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައިގެންނާއި، އެކަންކަން ތަންފީޒުކުރުމުގެ ވަރުގަދަ އަޒުމުގައި ކަމަށާއި، ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ ސާފު މަޤްޞަދެއްގައި ގެނެވޭ އިޞްލާޙީ ނިންމެވުމެއް ކަމަށްވެސް ފަޙްމީ ފާހަގަކުރެއްވިއެވެ.

ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލައްވައި، ކުންފުނިތަކުގައި އޮތް ސަރުކާރުގެ ހިއްސާ އިތުރުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސް ވަނީ އިއްޔެ އިޢުލާންކުރައްވައިފައެވެ.

މިގޮތުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އުވާލައްވައި، އެ ކުންފުނިން ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށާއި، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އުވާލައްވައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ. ރައީސް ވިދާޅުވީ މި ބަދަލާއެކު މުވައްޒަފުން މަދުކުރެވި، ކުންފުނިތައް އެކަށީގެންވާ ސައިޒަކަށް ކުޑަކުރެވި، އިސްރާފު ޚަރަދުތައް ކުޑަކުރެވޭނެ ކަމަށެވެ.

ހަމައެއާއެކު، ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް އަލުން ހޯއްދަވައި 51 އިންސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހެދުމަށާއި، އެމްޑަބްލިޔުއެސްސީގެ ބޭރު ފަރާތްތަކަށް ވިއްކާލާފައިވާ ހިއްސާތައް އަނބުރާ ހޯދައި، އެ ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ފައްޓަވާފައިވާ ކަމަށްވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު