ރާއްޖޭގެ ހާފިޒުން އިތުރުވަމުންދާ ކަމީ އުފާވެރި ކަމެއް ކަމަށާއި، ވަކިން ޚާއްސަކޮށް ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ހާފިޒުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށާއި، އަންނަ ރޯދަ މަހު، މާތް ﷲ އިރާދަކުރެެއްވިއްޔާ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒުކަމަކީ މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އެރުވުން ކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙާފިޡުންނަށް ހިއްވަރު ދެއްވުމުގެ ގޮތުން ދައުލަތުން ޙާފިޡުންނަށް ދޭ އިނާޔަތް ދެގުނައަށް އިތުރު ކުރައްވާފައިވާކަމަށާއި، ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކޮށް، މިވަގުތާއި ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2000 އަށްވުރެ ގިނަ ދަރިވަރުން ހިތުދަސް ކުރަމުން ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެންމެ ގިނަ ދަރިވަރުން ހިތުދަސްކުރަމުން ދަނީ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި ޢިލްމު އިންސްޓިޓުޓްގައެވެ.
އަދި ރަށް ރަށުގައި ހިންގާ ޤުރްއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ޤުރްއާން ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް އިތުރުކުރަމުންދާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



