ސައިކަލު ދުއްވާއިރު ސިކުނޑިއަށް ލިބިދާނެ ނުރައްކާތެރި ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން ހެލްމެޓު އަޅަން އާދަކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގައި ސިނަމާލެ ބްރިޖާއި ހައިވޭގެ އިތުރުން، އައްޑޫ އާއި ލާމު ލިންކް ރޯޑުގެ ވަކި ސަރަހައްދުތަކެއް ފިޔަވައި އެހެން ތަންތަނުގައި ހެލްމެޓު އެޅުން އޮންނަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އެޗްޕީއޭއިން މިއަދު އާންމުކުރި މެސެޖެއްގައި ވަނީ، ސައިކަލު ދުއްވާ ކޮންމެ ވަގުތަކުވެސް ހެލްމެޓު އެޅުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން، ބޭނުންކުރާ ހެލްމެޓަކީ ރައްކާތެރި، ބޮލަށް ހެޔޮވަރު އެއްޗަކަށް ހެދުމަށާއި، ހެލްމެޓުގެ ކަމަރު ރަނގަޅަށް އަޅުވައިގެން ބޭނުންކުރުމަށް އެ އޭޖެންސީން އިރުޝާދު ދެއެވެ.
އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، ހެލްމެޓު ރަނގަޅު ގޮތުގައި ބޭނުންކުރުމުން އެކްސިޑެންޓްތަކުގައި ސިކުނޑިއަށް ލިބިދާނެ ނުރައްކާތެރި ގެއްލުންތައް 74 އިންސައްތަ އާ ހަމައަށް ކުޑަކޮށްދެއެވެ.
މި އިލްތިމާސް އައިސްފައިވަނީ ބްރިޖާއި، ހައިވޭ އަދި ހުޅުމާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މިފަހުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު މަރުވެފައިވާއިރު، އެކި އެކްސިޑެންޓްތަކުގައި ބައެއް މީހުންގެ ސިކުނޑިއަށް ލޭއެޅި، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި އަނިޔާތައް ވަނީ ލިބިފައެވެ.
މި ލިޔުން ކިޔާލުމުން



