އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ގިނިސް ވޯލްޑް ރެކޯޑް ބޭންކް އޮފް މޯލްޑިވްސް އިން ގާއިމުކޮށްފިއެވެ.
ނިވަ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ހަރަކާތުގައި ޖުމްލަ 314 މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން އެ ރިސޯޓުގައި ތިބި ފަތުރުވެރިން ހިމެނެއެވެ. ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށްފަހު، ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ހަވާލުކޮށްފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މޯޓެން ޖޫނިއާއާއެވެ.
މި ހަރަކާތަކީ ބީއެމްއެލްގެ "އީއެންވީ ޕީއޯއެސް" ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ ތިމާވެށީގެ ހަރަކާތެކެވެ. މިއީ ޕީއޯއެސް މެޝިންތަކުން ކުރާ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ބައެއް ތިމާވެށީގެ މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. ބީއެމްއެލްއިން ބުނި ގޮތުގައި މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިގްތިސާދާއި ދިރިއުޅުން ބަރޯސާވެފައިވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ޤައުމީ މަސައްކަތްތަކުގައި އާންމުން އަމަލީގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުމެވެ.
މި ނިޒާމުގެ ދަށުން ބީއެމްއެލްއިން އަންނަނީ "ޕާލޭ މޯލްޑިވްސް" އަދި "މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް" (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން، ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ރީސައިކަލްކުރުމަށް ބޭރަށް ފޮނުވުމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



