ހއ. ހޯރަފުށީގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހޯރަފުށީ ކައުންސިލުން ހުޅުވާލައިފިއެވެ.
ހޯރަފުށީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެ ރަށުގެ ޓޫރިޒަމް ޒޯނުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 6 ބިމެކެވެ. މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ހޯރަފުށީގައި ޖުމްލަ 6 ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް، އެ ތަންތަން ހިންގުމެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އޮކްޓޫބަރު 1 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރީވެ، ބިޑް ޑޮކިއުމެންޓް ބައްލަވައިގަންނަން ޖެހޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. ބީލަމުގައި ރަޖިސްޓްރީވެވޭނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، މި މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ބޭނުންވާ މާލީ އަދި ފަންނީ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2026 އޮކްޓޫބަރު 12 ވާ ހޯމަ ދުވަހުގެ 11:00 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.
މި ލިޔުން ކިޔާލުމުން



