ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ވަގުތުން ވަގުތަށް ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާގައި ޤާއިމުކޮށްފިއެވެ.
މިކަން ހާމަކުރައްވައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ގިނަ މަސައްކަތްތަކެއް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލައިގެ އެންމެ ބޮޑު ހުރަހަކީ މާލެއާއި ރަށްރަށުގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ނުވަތަ ސްޓޮކް ނޭނގުން ކަމަށް ވުމާއެކު، އަލަށް ޤާއިމުކުރެވުނު ނިޒާމުގެ ސަބަބުން މިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝާހް މާހިރު އިތުރަށް ވިދާޅުވީ، ކުންފުންޏަށް އަހަރެއްވާން ގާތްވެފައިވާއިރު ފާއިތުވި އަހަރެއްހާ ދުވަހު ބޭހުގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ. އެގޮތުން މިހާރު ޤާއިމުކުރެވުނު ނިޒާމުގެ ދަށުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށްވެސް ފާމަސީތަކުގައި ބޭސް ހުރި މިންވަރު އަމިއްލައަށް ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި، އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ދިނުމަށް ސްޓޮކް ދެނެގަތުމާއި، ބޭރުގެ ކުންފުނިތަކާ ގުޅިގެން ބޭސް އެތެރެކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ. މިގޮތުން މިހާތަނަށް 3 ކުންފުންޏަކާއެކު ބޭސް އެތެރެކުރުމުގެ އެއްބަސްވުން ޤާއިމުކޮށްފައިވާއިރު، އިތުރު ކުންފުނިތަކާއެކު އެއްބަސްވުންތައް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މީގެއިތުރުން، ބޭސް ރައްކާކުރާނެ ސްޓޯރޭޖްތައް ޤާއިމުކުރުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ހުޅުވުމުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއެކު، ރާއްޖޭގެ ބޭހުގެ މައްސަލައަށް އެދެވޭ ބޮޑު ހެޔޮ ބަދަލެއް އަންނަ އަހަރުގެ މެދުތެރޭގައި އަންނާނެ ކަމަށް އެކުންފުނިން އަންދާޒާކުރެއެވެ.
ސްޓޭޓް ފާމާއިން ބުނި ގޮތުގައި، ބަލިމީހަކު ގެންނަ ބޭސް ސިޓީއެއްގައިވާ ބޭހެއް އެ ވަގުތު އެ ފާމަސީއެއްގައި ނެތްނަމަ، އެ ބޭސް ލިބެން ހުރި އެހެން ފާމަސީއެއްގެ މަޢުލޫމާތު މިހާރު ކަސްޓަމަރުންނާ ހިއްސާކުރާނެއެވެ. އަދި އެއީ މުޅި ރާއްޖެއިންވެސް ހުސްވެފައިވާ ބޭހެއްނަމަ، ވީއެންމެ އަވަހަކަށް އެ ބޭހަކަށް އޯޑަރު ދިނުމުގެ އިންތިޒާމުވެސް ފާމަސީތައް މެދުވެރިކޮށް ހަމަޖެހިގެންދާނެއެވެ.
މީގެއިތުރުން، ބޭހާ ގުޅޭގޮތުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް މަޢުލޫމާތު ހޯދުމަށް ފަސޭހައަކަށް، 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިން "1505" ވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



