އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އިން ކުރިއަށްގެންދާ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 13 ވަނަ އިންޓޭކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އައިޖީއެމްއެޗުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މި ޕޮރޮގްރާމްގެ ދަށުން މި ފަހަރު ހުޅުވާލާފައިވަނީ 24 އިންޓަރންޝިޕް ފުރުޞަތެކެވެ. މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވިފައިވަނީ 06 ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 24 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. މި އިންޓޭކްގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 11 އޮކްޓޫބަރު 2026 ގައެވެ.
މި އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން އެމް.ބީ.ބީ.އެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުން ހިމެނެއެވެ. މީގެއިތުރުން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޕޮލިސް ރެކޯޑެއް ނެތް މީހަކު ކަމުގައި ވާންޖެހޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
މި ޕްރޮގްރާމަށް އެދޭ ފޯމު އައިޖީއެމްއެޗްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އެން.އެޗް.އޭ އޮފީހުންވެސް ފޯމު ލިބެން ހުންނާނެއެވެ. ފުރިހަމަކޮށްފައިވާ ފޯމާއި ލިޔެކިޔުންތައް 24 ސެޕްޓެންބަރު 2026 ގެ 12:00 ގެ ކުރިން ބަލައިގަންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އެން.އެޗް.އޭ އޮފީހަށް ހާޒިރުވެ ހުށަހެޅުމުންނެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިނުގަންނާނެ ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.
މި ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 24 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަކުރި ތާރީޚަށް ބަލައި، ކޯސް ނިންމިފަހުން އެންމެ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.
މި ލިޔުން ކިޔާލުމުން



