ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި، ވެކްސިން އަދި މެޑިކަލް ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ޤާއިމުކުރާ "ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ"ގެ ބިންގާ އަޅައި، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގެ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" ގެ ދަށުން ހެލްތް މިނިސްޓްރީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ ގީލާ އަލީއެވެ.
މި ރަސްމިއްޔާތުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރ ގީލާ ވިދާޅުވީ، މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ދުރުރާސްތާއަކަށް ވަރުގަދަކޮށް، ސިއްހީ ދާއިރާގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ހިންގުމަށްޓަކައި ކުރެވުނު އަގުހުރި އިންވެސްޓްމަންޓެއް ކަމަށެވެ.
މި އިމާރާތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގެ އިދާރީ މަސައްކަތްތަކާއި، މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ އިތުރުން ސިއްހީ ދާއިރާގެ ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތައް ހިމެނޭހެން ގިނަ ހިދުމަތްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސިލިޓީ ޤާއިމުކުރެވުމުން މެޑިކަލް ސާމާނު ރައްކާކުރުމަށް ތަންތަން ކުއްޔަށް ހިފުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ބޮޑުތަނުން ކުޑަވެ، ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި ޖާގައިގެ ދަތިކަން ހައްލުވެ، ސިއްހީ ދާއިރާގެ އިދާރީ ހިންގުން އިތުރަށް ހަލުވިވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރިއެވެ.
މި ލިޔުން ކިޔާލުމުން



