Thursday, October 22
ނޭޕާލަށް ދިމާވި ކާރިސާއާ ގުޅިގެން ރާއްޖެއިން 1 މިލިއަން ރުފިޔާގެ އެހީއެއް ދެނީ
މިއަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާއާއި ގުޅިގެން، އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ޕްރައިމް މިނިސްޓަރސް ޑިޒާސްޓަރ ރިލީފް ފަންޑަށް 1 މިލިއަން ދިވެހި ރުފިޔާގެ މާލީ އެހީއެއް ދެއްވުމަށް ނިންމަވައިފިއެވެ. މި އެހީއަކީ އެޤައުމުގައި ހިންގާ ރިލީފް، ރިކަވަރީ އަދި އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދެވުނު އެހީއެކެވެ.

މި އެހީއަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ދަތި އުނދަގޫ ވަގުތުތަކުގައި ޤައުމުތަކުން އެކަކު އަނެކަކަށް ހަމްދަރުދީއާއެކު އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް ރާއްޖެއިން ޤަބޫލުކުރާ ކުރުން ރަމްޒުކޮށްދޭ ކަމެކެވެ.

މި ކާރިސާގައި އަގުހުރި ފުރާނަތަކެއް ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވަނީ ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވާފައެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ނޭޕާލްގެ ރައްޔިތުންނާއެކު ސާބިތުކަންމަތީގައިކަން އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ދެކުނު އޭޝިއާގެ ދެ ޤައުމުގެ ގޮތުގައިވާ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 1980 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ ޤައުމުގެ ދެމެދުގައި ވަނީ ބަދަހި އަދި އެކުވެރި ގުޅުމެއް އުފެދިފައެވެ. ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ގުޅުން އިތުރަށް ވަރުގަދަކޮށް، ސަރަޙައްދީ ޤައުމުތަކަށް އެހީތެރިކަން ބޭނުންވާ ހިނދުގައި އެހީގެ އަތެއް ދިއްކޮށްދިނުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު