އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތްތަކުގައި، އެ އަތޮޅުގެ އެހެން ރަށެއްގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތުގެ އުސޫލެއް ސިވިލް ސާވިސް ކޮމިޝަން އިން އެކުލަވާލައިފިއެވެ.
ސީއެސްސީން ނެރުނު މި އުސޫލުގެ މައިގަނޑު ބޭނުމަކީ ކައުންސިލްތަކުން ދޭންޖެހޭ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތް ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުން ނުލިބޭ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ. މި އުސޫލުގެ ދަށުން ވަޒީފާއަށް މީހުން ހޯދުމަށް ފުރުސަތު ހުޅުވާލާނީ އެ އަތޮޅެއްގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެންނެވެ. އަދި އެފަދައިން ހުޅުވާލެވޭ މަގާމަކީ އެ ކައުންސިލެއްގެ އިދާރީ އޮނިގަނޑުގައި ހިމެނޭ، ބަޖެޓު ހަމަޖެހިފައިވާ މަގާމަކަށް ވާންޖެހޭނެއެވެ.
މި އުސޫލުގެ ދަށުން ވަޒީފާ ހަމަޖެހޭ މުވައްޒަފުންނަށް އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ފަހިކޮށްދޭންޖެހެއެވެ. ނަމަވެސް، މުވައްޒަފަށް ބޭނުންވާ ވަސީލަތްތަކާއި މުސާރައާއި އިނާޔަތްތަކުގެ ޚަރަދުތައް ބަލަހައްޓާނީ އެ މުވައްޒަފަކު ނެގި ކައުންސިލް އިދާރާއިންނެވެ. މުސާރައާއި އިނާޔަތްތައް ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް އަމަލުކުރާއިރު، ވަޒީފާގެ އެހެނިހެން ކަންކަމުގައި އަމަލުކުރާނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ރާއްޖޭގެ ގާތްގަނޑަކަށް ގިނަ ރަށްރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން، ވަޒީފާއާއި ތައުލީމު ހޯދުމަށް އެހެން ރަށްރަށަށް ނުވަތަ މާލެއަށް ހިޖުރަކުރުމަކީ އާންމު ކަމެކެވެ. ސީއެސްސީން މި އުސޫލު އާންމުކޮށްފައިވާ އިރު، ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން ދާދިފަހުން ވަނީ ލިޔުމުން ހުއްދަ ނުލިބެނީސް އެއްވެސް މުވައްޒަފަކު ނުނެގުމަށް ކައުންސިލްތަކަށް އަންގާފައެވެ.



