މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުން މިހާތަނަށް ކުރި ހަރަދުގެ 86 ޕަސެންޓަކީ މުސާރަ ދިނުމަށާއި އޮފީސްތައް ހިންގުމަށް ކުރި ހޭދަ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު، ރިކަރަންޓް ހަރަދުތަކަށް ޖުމްލަ 26 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އޭގެ ތެރެއިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 10 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، އޮފީސްތައް ހިންގުމުގެ ހަރަދުގެ ގޮތުގައި 16 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިކަރަންޓް ހަރަދަށް ކުރި 22 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މުސާރައަށް ހޭދަކޮށްފައިވަނީ ނުވަ ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 30 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ދަރަނި އަދާކުރުމަށް ކުރި ހޭދަތަކާއެކު ބަޖެޓުން ވަނީ 41 ބިލިއަން ރުފިޔާ ހަރަދުވެފައެވެ. އަދި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 28 ބިލިއަން ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި 64 ބިލިއަން ރުފިޔާގެ ބަޖެޓުގެ 64 ޕަސެންޓް މިހާރު ހަރަދުވެފައިވާއިރު، އަހަރުގެ ބާކީ އޮތް ހަތަރު މަހަށް ދެން އޮތީ 23 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް މަޝްރޫއުތަކަށާއި ކެޕިޓަލް ހަރަދުތަކަށް 3.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ދަރަނި އަދާކުރުމަށާއި ފައިނޭންސިން ހަރަދުތަކަށް 13 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.



