ކުޑަ ކުއްޔަކަށް ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ އެއްބަސްވުންތައް އާ ގާނޫނުގެ ދަށަށް ބަދަލުކޮށް، ކުލި އާ ރޭޓުތަކަށް ބަދަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފިއެވެ. މި މުއްދަތު ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ތަސްދީގުކުރެއްވި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގާނޫނު"ގެ ދަށުންނެވެ. މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ކުރީގެ ބާ ގާނޫނު އުވާލައި، ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރުތީބުކުރުމެވެ.
ގާނޫނު ތަސްދީގުކުރި ތާރީހުން ފެށިގެން އެއް މަސްދުވަސް ހަމަވުމާއެކު މި އާ ގާނޫނަށް އަމަލުކުރަން ފެށޭނެއެވެ. އަދި އެއާއެކު މިހާރު އަމަލުކުރަމުންދާ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވޭނެއެވެ. އާ ގާނޫނުގައިވާ ގޮތުން، މިހާރު ދޫކޮށްފައިވާ ފަޅުރަށްތަކުގެ އެއްބަސްވުންތައް އާ އިޖުރާއަތްތަކާ އެއްގޮތަށް މުރާޖައާކޮށް، އާ ރޭޓުތަކަށް ކުލި ބަދަލުކުރަންޖެހެއެވެ. އަދި އާ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި އިސްލާހުކުރެވޭ އެއްބަސްވުންތަކަށް އަމަލުކުރަން ފަށަންޖެހޭނެއެވެ.
ފަޅުރަށްތައް ދޫކުރާ ބޭނުންތަކަށް ބަލައި އާ ގާނޫނުގައި ކުލީގެ ރޭޓުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސިނާއީ އަދި އިގްތިސާދީ މަސައްކަތްތަކަށް އަކަމީޓަރަކަށް އަހަރަކު 3.00 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް އަކަމީޓަރަކަށް އަހަރަކު 2.50 ރުފިޔާ، އަދި އިޖުތިމާއީ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު 2.00 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.



