މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުގުވެރިވާ މީހުން ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ މަސްވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން، ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ހިންގާ ތަމްރީނެކެވެ. ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އަސާސީ މެރިކަލްޗަރ ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 އިން 21 ގެ ނިޔަލަށެވެ. ޖުމްލަ 15 ބައިވެރިންނަށް ފުރުސަތު ހުޅުވާލާފައިވާ މި ކޯހުގައި އެކުއަކަލްޗަރ ނިޒާމުތަކާއި، ދިރޭ ކަނާ އާލާކުރުމާއި، ފާނައާއި، ހުއިފިލަނޑާއާއި، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމުގެ ފިލާވަޅުތައް ކިޔަވައިދެވޭނެއެވެ. މީގެއިތުރުން މޫދުވިނަ ހެއްދުމުގެ ތިއަރީއާއި، ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަނެ ރައްކާތެރިވުމާއި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ބައިތައްވެސް ހިމެނެއެވެ.
މި ތަމްރީނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފޯމު ފުރިހަމަކުރުމަށްފަހު އައިޑީ ކާޑު ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނައިން ފޯމު ލިބިއްޖެނަމަ ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އެ އިންސްޓިޓިއުޓުން ހަމަޖައްސައިދޭނެއެވެ. މި ޕްރޮގްރާމުގެ މިއަހަރުގެ ދެވަނަ ބުރުގެ ތަމްރީނުތައް މިދިޔަމަހު ވަނީ ފަށާފައެވެ.



