ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި އަޅާ ޕެސްޓު ކޮންޓްރޯލް ކުރުމަށްޓަކައި، ބޭސްޖަހާ ސްޕްރޭޔަރު ރާއްޖޭގެ ހުރިހާ އިދާރީ އަތޮޅަކަށް ފޯރުކޮށްދީފި ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ތަކެއްޗަކީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ގޮތުން، ދިވެހި ސަރުކާރާއި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު 6 އޮގަސްޓު 2024 ގައި ސޮއިކުރެވުނު ފަހުމުނާމާގެ (އެމްއޯޔޫ) ދަށުން ލިބިފައިވާ ތަކެއްޗެވެ. މި އެމްއޯޔޫގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100,000 ޔުއާންގެ ހިލޭ އެހީ ދީފައެވެ. އޭގެ ތެރޭގައި ބޮޑެތި ގަސްތަކަށް ބޭސްޖަހާ 25 ސްޕްރޭޔަރު ހިމެނެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން، މާއްދީ އެހީތެރިކަމަށް އެދޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން މިފަދަ ޕެސްޓު ކޮންޓްރޯލް ކުރުމުގެ ޒިންމާ ރަށު ކައުންސިލްތަކާ ހަވާލުވެފައިވާއިރު، ރަށު ފެންވަރުގައި މި މަސައްކަތް ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި ސްޕްރޭޔަރުތައް މިހާރު ވަނީ ރާއްޖޭގެ 20 އިދާރީ އަތޮޅަށް ހަވާލުކޮށްފައެވެ. އެގޮތުން މާލެ އަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަތޮޅު އޮފީސްތަކަށް (ކުރީގެ އަތޮޅު ކައުންސިލްތައް) ވަނީ ތަކެތި ހަވާލުކޮށްފައެވެ. މީގެ މައިގަނޑު ބޭނުމަކީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޕެސްޓު ކޮންޓްރޯލް ކުރަން ޖެހިއްޖެ ހާލަތެއްގައި ފަސޭހަކަމާއި އަވަސްކަމާއެކު މި ވަސީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި ޕްރޮގްރާމްގެ ދަށުން ސްޕްރޭޔަރުތައް ހަވާލުކޮށްފައިވާ މަރުކަޒުތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލަކު ސިޓީ އަދި ސ. ހިތަދޫ (އައްޑޫ ސިޓީ) ހިމެނެއެވެ.
އަތޮޅުގެ އެއްވެސް ރަށެއްގައި ޕެސްޓު ކޮންޓްރޯލް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ ރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމާއި، ސްޕްރޭޔަރު ބެލެހެއްޓުމުގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކަށް މި މަޢުލޫމާތު ފޯރުކޮށްދިނުމަކީ އެ ސިޓީ ކައުންސިލެއްގެ ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެއް ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.



