Thursday, October 22
ކުޅުދުއްފުށީގައި ވައްކަންކުރި މީހަކު 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލައިފި
ހދ. ކުޅުދުއްފުށީގެ ގުދަނަކާއި އޮޑިހަރުގެއަކަށް ވަދެ ގިނަ އަދަދެއްގެ ކަރަންޓު ސާމާނާއި ޓޫލްސްތަކެއް ވަގަށް ނަގައި މުދަލަށް ގެއްލުންދިން މައްސަލައެއްގައި، އެ ރަށު ވައިޓްހާޑް، މުޙައްމަދު ނަބީލް އަޙްމަދު 1 އަހަރާއި 2 މަހަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި އަހަރުގެ ޖުލައި 8 ގައި ހިނގި މި ހާދިސާގައި، ނަބީލް ވަނީ ކުޅުދުއްފުށީ އޮޑިއެހެލާ ސަރަޙައްދުގައި އޮތް "ޑިސްކަވަރީ" ދޯނީގެ އޮޑިހަރުގެއަށާއި "އެތުމާ ހިތްތަލަ" ގުދަނަށް ހުއްދަނެތި ވަދެ، ޑްރިލް، ގްރޭންޑަރު، ޗެއިން ސޯ އަދި ރެންޗް ސެޓުތައް ފަދަ ގިނަ ތަކެތި ވަގަށް ނަގާފައެވެ. އަދި ވަގަށް ނެގި ޗެއިން ސޯތަކެއް މޫދަށް އެއްލާލައި މުދަލަށް ގެއްލުންދީފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން އުފުލި ވައްކަންކުރުމުގެ 2 ދައުވާއާއި، ހުއްދަނޫން ތަނަކަށް ވަނުމުގެ 2 ދައުވާގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ ދައުވާއަށް ނަބީލް ވަނީ ކޯޓުގައި އިޢުތިރާފް ވެފައެވެ.

އިސް މެޖިސްޓްރޭޓް މުޙައްމަދު އިސްމާޢީލް ކުރެއްވި ހުކުމުގައި، ވައްކަމުގެ މައި ދައުވާއަށް ތަހުގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި 53 ދުވަސް އުނިކުރުމަށްފަހު 7 މަހާއި 25 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅުއްވިއެވެ. އަދި ސާބިތުވި އަނެއް 4 ދައުވާއަށް އިތުރު 6 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ވަނީ އިއްވާފައެވެ.

ޝަރީއަތުގައި ޖަލު އަދަބުގެ ބަދަލުގައި ގޭބަންދަށް އަދަބު ބަދަލުކޮށްދިނުމަށް ނަބީލުގެ ފަރާތުން އެދުނު ނަމަވެސް، އެއް ހާދިސާއެއްގައި ގިނަ ކުށްތަކެއް ސާބިތުވެފައިވާތީ އަދަބުގެ ބާވަތް ބަދަލުކޮށްދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު