ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ރ. އިނގުރައިދޫ، ލެގޫންވިއު، ޝަމްއާން އަބްދުއްޝަކޫރު 14 އަހަރަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން އޭނާގެ މައްޗަށް މިއީ ދައުވާ އުފުލީ، މާލެ ތެރެ ޕެޓްރޯލް ކުރަނިކޮށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު، ލައިގެން ހުރި ޖިންސްގެ ޖީބުން ކެނަބިސް ފެނުމާ ގުޅިގެންނެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ޝަމްއާން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އޭނާ ޝަރީއަތުގައި ބުނެފައިވަނީ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ބޭނުންކުރުމަށާއި ވިއްކުމަށް ގެންގުޅުނު ތަކެތި ކަމަށާއި، އަތުގައި އޮތް ކައްޓާއަކީ ތަކެތި ކިރައިގެން ވިއްކުމަށް ބޭނުންކުރި އެއްޗެއް ކަމަށް އިއުތިރާފުވާ ކަމަށެވެ.
އަމިއްލަ އިއުތިރާފުން ކުށް ސާބިތުވުމާ ގުޅިގެން ކޯޓުން ވަނީ އޭނާ 14 އަހަރަށް ޖަލަށް ލުމުގެ އިތުރުން، ކުރެވުނު 50،000 ރުފިޔާގެ ޖޫރިމަނާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކުމަށް އަންގާފައެވެ.



