ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަލް މިންހާދު އެއާ ބޭސްއަށް ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނަކާ ހަވާލާދީ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލް މިންހާދު އެއާ ބޭސްއަށް މި ޑްރޯން ހަމަލާތައް ދީފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ހަމަލާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެ ބޭސްގައި އެމެރިކާގެ ސިފައިންނާއި ހެލިކޮޕްޓަރުތައް ގާއިމުވެފައިވާ ސަރަހައްދުތަކަށް ކަމަށް ވެސް އަސްކަރިއްޔާއިން ހާމަކޮށްފައިވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ، މި ހަމަލާއަކީ ލާރަކް ރަށުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާއި އެ ގައުމުގެ އާންމު ރައްޔިތުން މަރާލުމާ ގުޅިގެން، އޭގެ ރައްދެއްގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށެވެ.
އަލް މިންހާދު އެއާ ބޭސްއަށް ހަމަލާދިން ކަމަށް ބުނެ އީރާނުން ކޮށްފައިވާ މި ދައުވާއާ ގުޅިގެން ޔޫއޭއީގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ވަގުތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ވެސް މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.



