އެމެރިކާ ސަރުކާރާއި ވެނެޒުއޭލާގެ ވަގުތީ ސަރުކާރާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ވެނެޒުއޭލާގެ ސާބިތުވެފައިވާ ތެލުގެ ރިޒާވްގެ ބޮޑު ބައެއް ކަމަށްވާ ގާތްގަނޑަކަށް 65 ބިލިއަން ފީފާގެ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް ދިނުމަށް ވަނީ ނިންމާފައެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް ހެދޭނެ އެންމެ ބޮޑު ތެލުގެ އެއްބަސްވުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވާފައިވާއިރު، މި ނިންމުމުގެ ފަހަތުގައި ސިޔާސީ، އިޤްތިޞާދީ އަދި ސްޓްރެޓީޖިކް ގިނަ ސަބަބުތަކެއް އެކުލެވިގެންވެއެވެ.
މި އެއްބަސްވުން އެކުލަވާލުމުގެ މައިގަނޑު އެއް ސަބަބަކީ އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވުމެވެ. މިގޮތުން، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް އެމެރިކާގެ އެތެރޭގެ ބާޒާރުގައި ޕެޓްރޯލް އަގު ތިރިކުރުމަކީ ރައީސް ޓްރަމްޕްގެ މައިގަނޑު އަމާޒެކެވެ.
މީގެއިތުރުން، އެމެރިކާގެ އަމިއްލަ ތެލުގެ ރިޒާވާއި، ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ 'ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް' 1982 ވަނަ އަހަރަށްފަހު އެންމެ ދަށް މިންވަރަކަށް ވެއްޓިފައިވާތީ، ވެނެޒުއޭލާގެ ތެޔޮ ނެގުމުގެ ތެރެއިން މި ރިޒާވް ދެގުނައަށް އިތުރުކުރުމަށް އެމެރިކާއިން ބޭނުންވެއެވެ.
ލެޓިން އެމެރިކާގެ ސަރަޙައްދުގައި އެމެރިކާގެ ބާރުވެރިކަން ދެއްކުމަށާއި، 'އެމެރިކާ ފަސްޓް' ސިޔާސަތުގެ ދަށުން ޤުދުރަތީ ވަސީލަތްތަކުގެ ކޮންޓްރޯލް ހޯދުމަށް ވޮޝިންގޓަނުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ބަދަލުތައް އައިސްފައިވަނީ ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށްފަހު، އެ ޤައުމުގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒްއަށް ފިއްތުންތައް ކުރިމަތިކުރުވައިގެން އެމެރިކާގެ ޝަރުޠުތަކަށް އެއްބަސްކުރުވައިގެންނެވެ.
100 އަހަރުގެ މުއްދަތަކަށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން ވެނެޒުއޭލާގެ ރިޒާވްގެ 20 އިންސައްތަ ކަމަށްވާ 65 ބިލިއަން ފީފާގެ ތެޔޮ އެމެރިކާއަށް ލިބިގެންދާނެއެވެ. މި އެއްބަސްވުމުގައި ސްޓްރެޓީޖިކް 17 ތެޔޮ ވަޅެއް ހިމެނޭއިރު، އޭގެ ބަދަލެއްގެ ގޮތުން ވެނެޒުއޭލާއަށް 209 ބިލިއަން ޑޮލަރުގެ ޓެކްސް އަދި 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމާމެދު މާހިރުންނާއި ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ މިއީ އިސްތިއުމާރީ ޒަމާނުގައި ހުޅަނގުގެ ބާރުތަކުން އެހެން ޤައުމުތަކުގެ ވަސީލަތްތައް ފޭރުނު ގޮތަށް ހިންގި ޣައިރުޤާނޫނީ ޢަމަލެއް ކަމަށެވެ. އަދި 65 ބިލިއަން ފީފާގެ ބޮޑު ޢަދަދަކީ ސިޔާސީ ގޮތުން އޮޅުވާލުމަށް ބޭނުންކުރި ޢަދަދެއް ކަމަށް ބައެއް އެނަލިސްޓުން ލަފާކުރެއެވެ.
ނަމަވެސް، އެމެރިކާ ސަރުކާރުން ދެކޭގޮތުގައި މިއީ ދެފަރާތަށްވެސް ފައިދާހުރި، އަދި ކުރިއަށް އޮތް ތަނުގައި އީރާން ފަދަ އިދިކޮޅު ޤައުމުތަކާ މެދު ކަންކުރާނެ ގޮތުގެ އައު ނަމޫނާއެކެވެ.



