އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށާއި ފްލެޓް ގަތުމަށް ބޭނުންވާ އިކުއިޓީ ފައިސާ ހަމަޖެއްސުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ޚާއްޞަކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހާމަކޮށްފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ގެދޮރުވެރިކަމުގެ ލޯނު ނެގުމުގައި އާންމުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީއަށް ބޭނުންވާ ފައިސާ ހަމަޖެއްސުން ކަމަށެވެ. އެހެންކަމުން އެ ދަތިކަން ޙައްލުކޮށްދިނުމުގެ ގޮތުން ބޭންކުތަކާ ގުޅިގެން މާލީ ދެ ޕްރޮގްރާމެއް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ސްކީމުގެ ދަށުން ސަރުކާރުން 2 ލައްކަ ރުފިޔާ އިކުއިޓީގެ ގޮތުގައި ދޫކޮށްގެން، ބޭންކުތައް މެދުވެރިކޮށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ހަތަރު ބޭންކަކާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ އެއްބަސްވުންތަކުގައި ސޮއިކޮށް، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކުރިމަތިލުމަށް ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެވެ.
މީގެކުރިން ސަރުކާރުން ތަޢާރަފުކުރި "ހިޔާވެހި ފައިނޭންސިންގ ސްކީމް" އަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، އެ ސްކީމުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، ސޯޝަލް ހައުސިންގ ނޫން އަތްފޯރާ އަގުގައި ގެދޮރު ގަތުމަށް މަގުފަހިކޮށްދޭ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް" ގެ ދަށުންވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.



