ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، ކުއްލިއަކަށް ކުރިމަތިވި މި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އާންމުންގެ ދިރިއުޅުމަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެކަމާ ނުހަނު ހިތާމަކުރައްވާކަން ހާމަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޭޕާލުގެ ބޮޑުވަޒީރަށާއި، ސަރުކާރަށް އަދި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވައި، ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކުރެއްވިއެވެ. މީގެއިތުރުން، މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް މުއިއްޒު ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ތައުރީފު ކުރައްވާފައެވެ.



