މަސްވެރިކަމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު ހުށަހެޅުއްވި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އިގުތިސާދީ ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް މުރާޖައާކޮށް ހަރުދަނާކުރުމާއި، ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ.
މި އިސްލާހުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ބާރު މަސްވެރިކަމާ ބެހޭ ވުޒާރާއަށް ލިބިގެންދާނެއެވެ. ނަމަވެސް އެގޮތަށް ހުއްދަކުރާ ބާވަތްތަކާއި، އެކަމުގެ ޝަރުތުތަކާއި، އުސޫލުތައް އަދި ނަގާނެ ފީތައް ގެޒެޓުގައި އާންމުކުރަންޖެހޭނެއެވެ. މީގެއިތުރުން، ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ކަނޑައެޅިފައިވާ ހާއްސަ އުސޫލުގެ ބޭރުން މަސްވެރިކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.
އަދަބުތަކަށް ބަލާއިރު، ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތަކުން މަސްވެރިކަން ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ، 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މީގެއިތުރުން މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ހާއްސަ ބަނދަރުތައް ތަރައްގީކުރުމުގެ ހުއްދަ ވުޒާރާއަށް ދިނުމާއި، ގާނޫނާ ހިލާފުވެގެން ފިޔަވަޅުއަޅާ ބޭރުގެ އުޅަނދުތައް ނިސްބަތްވާ ޤައުމުތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި އެހެނިހެން ކުށްތަކުގެ އަދަބުތައްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.



