އާދިއްތަ, October 11
މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރު ބެލެހެއްޓުން ވަކި އޮފީހަކަށް ބަދަލުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ފޮޓޯ- އެމްޓީސީސީ

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ތާއީދާއެކުގައެވެ.

އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހާ އުސޫލުތައް ހިމަނައިގެން ހުށަހެޅި މި ބިލު ފާސްކުރީ ކޮމިޓީ މަރުހަލާގައި "މާލެ ސަރަހައްދަށް ހިނގާ ހާއްސަ އުސޫލު"ގެ ނަމުގައި އިތުރުކުރި އަށްވަނަ ބާބާއެކުގައެވެ. މި ބާބުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގައި އާބާދީ ބޮޑުވެ، އުޅަނދުތައް އިތުރުވުމުގެ ސަބަބުން ތޮއްޖެހެމުންދާ ޓްރެފިކް މެނޭޖްކުރުމުގެ މައްސަލައަށް ހާއްސަ ހައްލެއް ހޯދައިދިނުމެވެ. މި ބާބުގައިވާ އުސޫލުތައް ތަންފީޒުކުރުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މި އުފައްދާ އޮފީހުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ސިޔާސަތުތައް ކަނޑައެޅުމާއި، އާބަން ޕްލޭން ހަދައިގެން މަގުތައް ތަރައްގީކުރުމާއި، ޕަބްލިކް ޓްރާންސްޕޯޓްގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓްރީކުރާނެ ކޯޓާ ކަނޑައެޅުމާއި، ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ 30 އިންސައްތައަށްވުރެ އިތުރުނުވާނެހެން އާ އުޅަނދު ރަޖިސްޓްރީކޮށްދިނުމާއި، އޮޓޮމޭޓެޑް ވެހިކަލް އިންސްޕެކްޝަން ނިޒާމެއް ގާއިމުކުރުމުގެ ބާރުވެސް އެ އޮފީހަށް ލިބިގެންވެއެވެ.

މާލެއަށް ހާއްސަ ކުރެވުނު މި ބާބަކީ ތިން އަހަރު ދުވަހުގެ ތެރޭގައި އުވޭގޮތަށް ހިމެނި ސަންސެޓް ބާބެއް ކަމަށްވީ ނަމަވެސް، އެ މުއްދަތުގެ ތެރޭގައި މަގުސަދު ހާސިލުނުވެއްޖެ ނަމަ ނެޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައިގެން މުއްދަތު އިތުރުކުރެވޭނެއެވެ. އަލަށް އުފައްދާ އޮފީހަށް މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ހުރި ގިނަ މަސްއޫލިއްޔަތުތަކަކާއި އެކަމާ ގުޅޭ އާމްދަނީ ބަދަލުކުރާތީ، މަޖިލީހުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރި އިރު އިދިކޮޅު މެންބަރުން ވަނީ އެކަމާމެދު ނުރުހުން ފާޅުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު