ސައޫދީ އަރަބިއްޔާއާއެކު ވެވޭ މަދަނީ ނިއުކްލިއާ ހަކަތައިގެ އެއްބަސްވުން ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ކޮންގްރެސްއަށް ފޮނުވައިފިއެވެ. ނަމަވެސް، މި އެއްބަސްވުމަށް ޢަމަލުކުރެވޭނީ ސައޫދީން އިސްރާއީލާއެކު ގުޅުން ޤާއިމުކުރުމުން ކަމަށް ރައީސް ޓްރަމްޕް ޝަރުޠުކުރައްވައެވެ.
އެމެރިކާގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، ސައޫދީ އަރަބިއްޔާއިން އަބްރަހަމް އެކޯޑްސްގައި ބައިވެރިވުމަކީ މި އެއްބަސްވުން ކުރިއަށް ގެންދިއުމަށް ރައީސް ޓްރަމްޕް ކަނޑައަޅުއްވާފައިވާ މައިގަނޑު ޝަރުޠެވެ. އެމެރިކާގެ ކުންފުނިތަކަށް ސައޫދީއަށް ނިއުކްލިއާ ޓެކްނޮލޮޖީ އެކްސްޕޯޓްކުރުމުގެ ހުއްދަދޭ މި އެއްބަސްވުމާ ގުޅޭގޮތުން ސައޫދީ އެމްބަސީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
30 އަހަރުގެ މި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އޭޕީ1000 މަރުކާގެ ރިއެކްޓަރުތައް ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މިއީ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި މަޝްރޫއެކެވެ. މި މަޝްރޫއުގެ ފައިދާ ލިބޭނީ ކެނެޑާގެ ކެމެކޯ އަދި ބްރޫކްފީލްޑް އެސެޓް މެނޭޖްމަންޓް ގުޅިގެން ހިންގާ ވެސްޓިންގހައުސް ކުންފުންޏަށެވެ.
ސައޫދީއާއެކު ވެވޭ ނިއުކްލިއާ އެއްބަސްވުން ދިރާސާކުރުމަށް ކޮންގްރެސްއަށް 90 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، ކޮންގްރެސްއިން ދެކޮޅު ނުހަދައިފިނަމަ އެއްބަސްވުމަށް ޢަމަލުކުރަން ފެށޭނެއެވެ. އަދި ކޮންގްރެސްއިން މި އެއްބަސްވުން ބާޠިލުކުރަން ނިންމި ނަމަވެސް ރައީސް ޓްރަމްޕަށް އެ ނިންމުން ވީޓޯ ކުރެއްވުމުގެ އިޚްތިޔާރު އޮންނާނެއެވެ.
މި އެއްބަސްވުމުގައި ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ކުނި އަލުން ޕްރޮސެސްކުރުން ސައޫދީއަށް މަނާކޮށްފައި ނުވާތީ، ޑިމޮކްރެޓިކް މެންބަރުންނާއި ހަތިޔާރު ފެތުރުން ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ބުނަނީ ޤާނޫނުން ލާޒިމުކުރާ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މި އެއްބަސްވުމުގައި ހިމެނިފައިވާ ކަމަށެވެ.
ނޮންޕްރޮލިފަރޭޝަން ޕޮލިސީ އެޑިއުކޭޝަން ސެންޓަރުގެ ވެރިޔާ ހެންރީ ސޮކޮލްސްކީ ވިދާޅުވި ގޮތުގައި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓުވުމަށާއި އިސްރާއީލު ބަލައިގަތުމަށް ބާރުއެޅުމަށް މިހާރު ހުށަހެޅިފައިވާ ގޮތަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ.
މީގެ އިތުރުން، ސައޫދީ އަރަބިއްޔާއިން އިސްރާއީލާ ގުޅުން ޤާއިމުކުރުމުގެ ކުރިން ޝަރުޠުކުރަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ސާފު އަދި ބަދަލުނުކުރެވޭނެ ފަދަ މަގެއް ކަނޑައެޅުމަށެވެ.



