އީރާނާއެކު ވިޔަފާރިކުރާ ޤައުމުތައް ބައިނަލްއަޤްވާމީ ޑޮލަރުގެ މާލީ ނިޒާމުން ބޭރުކޮށްލާނެ ކަމަށް އެމެރިކާއިން ދިން އިންޒާރުގެ މިސާލަކަށް އިރާޤު ވެދާނެ ކަމަށް ބެލެވެއެވެ. އެގޮތުން ތެހެރާނާ އެކު މުއާމަލާތްކުރާ ކަމަށް ތުހުމަތުކޮށް އިރާޤުގެ ގިނަ ބޭންކުތަކަކަށް އެމެރިކާއިން މިހާރުވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އީރާނަށް އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ޤައުމަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ވަނީ އީރާނާއި އެ ޤައުމުގެ ވިޔަފާރީގެ ބައިވެރިންނަށް އަމާޒުކޮށް ވަރުގަދަ އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅާނެކަން އިޢުލާނު ކުރައްވާފައެވެ.
2003 ވަނަ އަހަރުން ފެށިގެން އެމެރިކާއިން އިރާޤުގެ ތެލުގެ އާމްދަނީގެ ޑޮލަރުތައް ކޮންޓްރޯލް ކުރަމުންދާއިރު، އެމެރިކާގައި 100 ބިލިއަން ޑޮލަރަށް ވުރެ ގިނަ ރިޒާވް ހުރި އިރާޤަކީ މާލީ ގޮތުން ވޮޝިންޓަނަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެކެވެ. އީރާނުގެ ވާގިވެރިވާ ޖަމާޢަތްތަކާ ގުޅިގެން އިރާޤަށް ޕްރެޝަރު ކުރުމަށްޓަކައި، އެމެރިކާއިން ވަނީ އިރާޤަށް ފޮނުވަން އޮތް 500 މިލިއަން ޑޮލަރުގެ ނަގުދު ފައިސާއާއި ސަލާމަތީ އެއްބާރުލުންތަކެއް ހުއްޓުވާފައެވެ. އަދި އީރާނަށް ބޮޑު އާމްދަނީއެއް ހޯދައިދޭ ތެޔޮ ވަގަށް އެތެރެކުރާ ވިއުގައެއް ފަޅާއަރާފައިވާއިރު، މިފަދަ ކަންކަމުގައި ބައިވެރިވާ އަވަށްޓެހި ޤައުމުތަކަށްވެސް މިފަދަ ފިޔަވަޅުތައް ކުރިމަތިވެދާނެއެވެ.
ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު އިރާގުން އީރާނާއެކު ކުރި ވިޔަފާރި ވަނީ 10 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. ނަމަވެސް، ހަނގުރާމަ ފެށުމަށްފަހު ސަލާމަތީ ނުރައްކާތަކާއި ބޯޑަރުގެ ދަތިތަކުގެ ސަބަބުން 2026 ގައި މި އަދަދު ވަނީ ދަށަށް ގޮސްފައެވެ. އީރާނުން އަބަދުވެސް އިރާގު ދެކެނީ އިގްތިސާދީ "ފުއްޕާމޭ" އެއްގެ ގޮތުގައެވެ. މި ގުޅުމުގެ މައިގަނޑު އަސާސަކީ ހަކަތައަށް ވާއިރު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ގުދުރަތީ ގޭހަށް އަހަރަކު 4 އާއި 5 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިރާގުން އީރާނަށް ދައްކައެވެ. އެހެންނަމަވެސް އެމެރިކާގެ އައު ފިޔަވަޅުތަކުގެ ސަބަބުން މި ފައިސާ ދެއްކުމަށް ހުރަސްއެޅިދާނެ ކަމުގެ އިންޒާރު އޮފިޝަލުން ދެއްވައެވެ.
ޗެތަމް ހައުސްގެ އެސޯސިއޭޓް ފެލޯ ނީލް ކުއިލިއަމް ފާހަގަކުރެއްވި ގޮތުގައި، ޗައިނާ ނުވަތަ ތުރުކީ ފަދަ ގައުމުތަކާ އަޅާބަލާއިރު އިރާގަށް އޮތް ބަދަލުތައް މަދުވެފައި، މާލީ ގޮތުން ކަންކަމަށް ކެތްކުރުމުގެ ގާބިލުކަން ކުޑައެވެ. އަދި އެ ގައުމުގެ ނާޒުކުކަން ގުޅިފައިވަނީ އެމެރިކާ އިސްވެ ހިންގާ މާލީ ނިޒާމުގެ ބޭނުން ހިފުމަށް ބަރޯސާވާ މިންވަރާއެވެ. ހަމައެއާއެކު، ރޯޔަލް ޔުނައިޓެޑް ސަރވިސަސް އިންސްޓިޓިއުޓްގެ ޓޮމް ކީޓިންގ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް އީރާނަށް އިރާގަކީ ކާމިޔާބު މަގަކަށް ވީނަމަވެސް، އަދަބު ދިނުމުގެ ބަދަލުގައި އިރާގުގެ މަރުކަޒީ ބޭންކަށް ފަންނީ އެހީ ފަދަ ހިތްވަރު ދިނުމުގެ ސިޔާސަތެއް ގެންގުޅުން މާ ނަތީޖާ ރަނގަޅު ވެދާނެ ކަމަށެވެ.



