މާލޭ އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖް ރޫޅާލުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދުތަކެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކާނިވާ ސްޓޭޖުގެ މަތީގައިވާ ދަގަނޑު ޓްރަސްތައް ދަބަރުޖަހައި ފީވުމުގެ ސަބަބުން، އޭގެ ބައިތައް ތިރިއަށް ވެއްޓެމުންދާ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުން ހިނގާބިނގާވެ އުޅޭ އާންމުންނާއި ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސްޓޭޖު ރޫޅާލުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތް ކުރިއަށްދާއިރު ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ ވެހިކަލްތަކެއް ނެގުމަށާއި، މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދު ހުސްކޮށް ބާއްވައިދިނުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ. އަދި ނުރައްކާތެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި، މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދަށް މީހުންނާއި އުޅަނދުފަހަރު ވަދެއުޅުން ވަނީ މަނާކޮށްފައެވެ.



