ޖިނާއީ ކުށެއްގެ ތުހުމަތުވާ މީހާގެ މައްޗަށް ދައުވާ ސާބިތުނުވި ނަމަވެސް، އެ މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ނަމަ ދައުލަތަށް ނެގޭ ގޮތަށާއި، ރާއްޖެއިން ބޭރުގައިވާ މުދާވެސް ހިފެހެއްޓޭ ގޮތަށް "ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، ސަރުކާރުން މި ބިލު މަޖިލީހަށް ފޮނުވުމުގެ މައިގަނޑު ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެމީހުންގެ ކިބައިން ނަގައި، އެފަދަ މުދަލުން އިތުރު މަންފާއެއް ހޯދޭނެ ހުރިހާ މަގެއް ބަންދުކުރުމަށްޓަކައި ގާނޫނީ ހަރުދަނާ އޮނިގަނޑެއް ތައާރަފުކުރުން ކަމަށެވެ.
މަޖިލީހުން މި ބިލު އަދި އާންމުނުކުރި ނަމަވެސް، ބިލުގައި ކުށްކޮށްގެން ހޯދާ މުދަލާއި ކުށްކުރުމަށް ބޭނުންކުރާ ވަސީލަތްތައް ދެނެގަންނާނެ މިންގަނޑުތަކާއި، އެފަދަ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކުގެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އެކައުންޓް މޮނިޓަރކުރުމުގެ އަމުރާއި، މައުލޫމާތު ހާމަކުރަން އަންގާ ޕްރޮޑަކްޝަން އަމުރުގެ އިތުރުން، މާލީ އިދާރާތަކުގައިވާ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް ނެރޭ އެކައުންޓް ފްރީޒްކުރުމުގެ އަމުރު ފަދަ ވަގުތީ ފިޔަވަޅުތަކުގެ ތަފްސީލުތައް ބިލުގައި ހިމެނެއެވެ.
ކުށް ސާބިތުވާ ހާލަތްތަކުގައި މުދާ ހިފެހެއްޓުމަށް ނެރޭ "ރިސްޓްރެއިންޓް އަމުރު" އާއި މުދާ ދައުލަތަށް ނެގުމަށް ނެރޭ "ފޯފީޗާ އަމުރު" ނެރުމާއި ތަންފީޒުކުރުމުގެ އުސޫލުތައް ބިލުގައިވެއެވެ. އަދި ކުށް ސާބިތުނުވާ ހާލަތްތަކުގައިވެސް މަދަނީ މިންގަނޑުން އެއީ ކުށްކޮށްގެން ހޯދި މުދަލެއްކަން ސާބިތުކޮށްދެވިއްޖެ ނަމަ، "ސިވިލް ރިސްޓްރެއިންޓް" އާއި "ސިވިލް ފޯފީޗާ" އަމުރުގެ ދަށުން އެ މުދަލެއް ދައުލަތަށް ނެގޭނެ އިސްތިސްނާ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.
ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމަށްޓަކައި، މާލިއްޔަތާ ބެހޭ ވުޒާރާގެ ދަށުން ހިނގާ "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" އެއް އުފެއްދުމަށް ބިލުގައި ވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން، ދައުލަތަށް ނަގާ މުދަލުން ކުށްކުރުން ހުއްޓުވުމަށާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލުދިނުމަށް "ރިކަވާޑް އެސެޓްސް ފަންޑު" ގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމުކުރުމުގެ އުސޫލުތައްވެސް ބިލުގައި ހިމަނާފައިވެއެވެ.
ބައިނަލްއަގުވާމީ އެއްބާރުލުން ދިނުމުގެ ގޮތުން، ރާއްޖޭން ބޭރުގައިވާ ކުށްކޮށްގެން ހޯދާ މުދާ ބޭރު ޤައުމުތައް މެދުވެރިކޮށް ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތަކުގެ އިތުރުން، ބޭރު ޤައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ރާއްޖޭގައި ހޯދާފައިވާ މުދާ ހިފެހެއްޓުމުގައި އެ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުދާ އަނބުރާ ފޮނުވައި ދެކޮޅަށް ބަދަލުކުރުމުގެ އުސޫލުތައްވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.



