ލޯކަލް ގަވަރމަންޓްތަކުގެ އެންމެ ބޮޑު އެސޯސިއޭޝަން "ސިޓީ ނެޓް" ގެ 46 ވަނަ ސަރަހައްދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އަދި ހެންވެއިރު ދެކުނު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ނާޒިމާ އާއި ހެންވެއިރު އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ލައިޒާ މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ. ސަރަހައްދީ ސިޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުން ކުރިއަށްދަނީ ކުއާލަލަމްޕޫރުގެ ސިޓީ ހޯލް ޓްރޭނިންގ އިންސްޓިޓިއުޓްގައެވެ.
މި ބައްދަލުވުމުގައި ލާމަރުކަޒީ އުސޫލުން ސިޓީ ފެންވަރުގައި އެކުލަވާލި ފުރަތަމަ ވޮލަންޓަރީ ލޯކަލް ރިވިއު (ވީ.އެލް.އާރު) އާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެސް.ޑީ.ޖީ 11 (ސަސްޓެއިނަބަލް ސިޓީސް އެންޑް ކޮމިއުނިޓީސް) އާ ގުޅޭ މުހިންމު ދާއިރާތަކަށް އަލިއަޅުވާލާނެއެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަން، ދަތުރުފަތުރުގެ ނިޒާމު، އާސާރީ ތަންތަން ހިމާޔަތްކުރުން، ޤުދުރަތީ ހާދިސާތަކުން ރައްކާތެރިވުން، މާލެ ފެހިކުރުން އަދި ސަރަހައްދީ ޕްލޭނިންގ ހަރުދަނާކުރުން ހިމެނެއެވެ.
އޭގެ އިތުރުން، އެސް.ޑީ.ޖީ 11 ގެ ލަނޑުދަނޑިތައް އިތުރަށް ވަރުގަދަކުރުމަށާއި، އޭ.އައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ.



