ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަންނަ މަހު ނިއުދިއްލީގައި ބާއްވާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ ގައުމުގެ ގުޅުން ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެކެވެ. ސެޕްޓެމްބަރު މަހު ބާއްވާ މި ސަމިޓަށް ޗައިނާގެ 400 ވަރަކަށް އޮފިޝަލުންގެ ވަފުދެއް ދިއުމަށް ތައްޔާރުވަމުންދާއިރު، އެ ވަފުދުގެ ހުރުމާއި ސެކިއުރިޓީ އިންތިޒާމުތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
2020 ވަނަ އަހަރު ހިނގި ބޯޑަރު ކުރިމަތިލުންތަކަށްފަހު ގުޅުން ރަނގަޅުވަމުން އަންނަނީ މަޑުމަޑުން ކަމުގައި ވިޔަސް، އިންޑިއާގައި ބާއްވާ ބްރިކްސް ސަމިޓުގައި ޗައިނާގެ ރައީސް ޝީ ބައިވެރިވެވަޑައިގަތުމަކީ ދެ ގައުމުގެ ގުޅުން ހަމައަކަށް އެޅުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ސަމިޓް ކާމިޔާބުކަމާއެކު ބޭއްވުމަށް އިންޑިއާއަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވީ ނަމަވެސް، ޝީގެ ދަތުރުފުޅާ ގުޅޭ ވަކި ޚާއްސަ ތަފްސީލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާ އަދި ޗައިނާ ހިއްސާކުރާ 3،800 ކިލޯމީޓަރުގެ ހިމާލިޔާ ބޯޑަރު ސަރަހައްދުގައި، 2020 ވަނަ އަހަރު ހިނގި ކުރިމަތިލުންތަކުގައި ދެ ގައުމުގެ ސިފައިން މަރުވެފައިވެއެވެ. އޮކްޓޯބަރު 2024 ގައި ސިފައިން ފަހަތަށް ޖެއްސުމަށް އެއްބަސްވި ނަމަވެސް، ފަހުން ޖުލައި މަހު އަނެއްކާވެސް އެ ސަރަހައްދުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.
މި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލް ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީއާ މަޝްވަރާ ކުރެއްވުމަށް ބެއިޖިންގަށް ވަޑައިގެންފައެވެ. މި ބައްދަލުވުމުގެ ސަބަބުން ސަރަހައްދީ ސަލާމަތީ ކަންކަމާއި ދެ ގައުމުގެ ދެމެދުގައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ލިބޭނެ ކަމަށް ދެ ފަރާތުން ވެސް އުއްމީދު ކުރެއެވެ.



