އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، މާޒީ، ލ. މާވަށް، އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޢައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި މިވަނީ މިހާރު އެ މަޤާމުގައި ހުންނެވި ހ. ގުރުވަ، އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދުގެ މަޤާމުގެ މުއްދަތު އަންނަ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.
ރައީސް ފޮނުއްވި މި މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން، ޢަބްދުލްޢަޒީޒާ މެދު އެއްވެސް ޝަކުވާއެއް އޮތްތޯ ބެލުމަށް މަޖިލީހުން ވަނީ ހަ ގަޑިއިރުގެ ފުރުޞަތެއް ހުޅުވާލާފައެވެ. އެއަށްފަހު މިއަދު ކޮމިޓީން ވަނީ އޭނާއާ އިންޓަވިއުކޮށްފައެވެ.
އިންޓަވިއުގައި ވާހަކަދައްކަވަމުން ޢަބްދުލްޢަޒީޒް ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތުގައި އޭނާ ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި ކުރިން އެ މަގާމުގައި ހުންނެވި ދުވަސްވަރު މަސައްކަތް ކުރެއްވީ "ޤާނޫނުގެ ނިޔަތާ އެއްގޮތަށް" ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނީ އެ އުސޫލުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދައުރުގައި އެކަމަށް ކުރި މަސައްކަތަކީ ޕަބްލިސައިޒް ކޮށްގެން ކުރި ކަމެއް ނޫން. އަޅުގަނޑުގެ މަސައްކަތް ބިނާވެފައި ވަނީ ގާނޫނުގެ ނިޔަތުގެ މައްޗަށް އިނގޭތޯ. ގާނޫނުން ފެންނަ ދެލިގަނޑުގެ މައްޗަކަށް ނޫން. ނިޔަތަކީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ހޯދައިދިނުން،" ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.
އިންޓަވިއުއަށް ފަހު ކޮމިޓީގެ މެންބަރުންގެ މާކްސްތަކާ އެކު އޭނާއަށް ވަނީ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައެވެ. އެހެންކަމުން، އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ވެރިކަން ކުރާ ޕީއެންސީގެ ފަސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަޙްމަދު ނަސީމް އެކަންޏެވެ.
ޢަބްދުލްޢަޒީޒަކީ އާރްޓީއައި ޤާނޫނުގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ އައްޔަންކުރެވުނު އިންފޮމޭޝަން ކޮމިޝަނަރެވެ. އެމަނިކުފާނު ވަނީ 2014 އިން 2019 އަށް އެ މަޤާމު އަދާކުރައްވާފައެވެ. މީގެއިތުރުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އެކުލަވާލުމުގައި ވެސް ޢަބްދުލްޢަޒީޒް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ޢަބްދުލްޢަޒީޒް މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ލެންގުއޭޖް، ހިސްޓްރީ އެންޑް ކަލްޗަރގެ މަޤާމުގައެވެ.



