މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު ފިލި ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.
ފުލުހުން ވިދާޅުވީ، 2026 ޖުލައި 9 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓުވި ހާދިސާއަށްފަހު އެ ދޯނި މަޑުނުކޮށް ފިލައިގެން ގޮސްފައިވާތީ، އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަހުގީގު ޓީމުން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ކުރި މި މަސައްކަތުގެ ތެރެއިން، ފިލައިގެން ދިޔަ ދޯނި ފެނިފައިވަނީ 2026 އޯގަސްޓް 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވައެވެ.
މި އުޅަނދު ފެނުމާ ގުޅިގެން، ފުލުހުން ވަނީ އެ ދޯނި ބަލައި ފާސްކޮށް، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކޮށްފައެވެ. އަދި ތަހުގީގަށް ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، އެކްސިޑެންޓް ހިނގި ވަގުތު ދޯނި ދުއްވަން ހުރި ކެޕްޓަނާ ސުވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން، މި މައްސަލައިގެ ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ އެ ދޯނީގެ ކެޕްޓަންގެ ލައިސަންސްވެސް ހިފަހައްޓާފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



