މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާދާރުންނަށް، 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ ބަހަން ނިންމީ 2026 އޮގަސްޓް 23 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. މި ނިންމުމާ އެއްގޮތަށް ޖުމްލަ 24,113,247.00 (ސައްވީސް މިލިއަން އެއްލައްކަ ތޭރަހާސް ދުއިސައްތަ ސާޅީސް ހަތެއް) ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް، ކުރިއަށް އޮތް 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ 2026 އޮގަސްޓް 24 ވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން، 2026 ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކަށް ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެމްޓީސީސީން ކޮންމެ އަހަރަކުވެސް ކުންފުންޏަށް ލިބޭ ފައިދާއިން ބޮޑު ބައެއް ހިއްސާދާރުންނަށް ބަހަމުން އަންނައިރު، މި އަހަރު ވެސް ހިއްސާގެ ފައިދާ ބެހުމުގެ އެންމެ ފަހުގެ ނިންމުން ނިންމާނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.



