މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް މާޒީ، ލ. މާވަށް، އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަންކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރަން މަޖިލީހަށް ހުށަހަޅާފައި މިވަނީ އެ މަޤާމުގައި ހުންނެވި ހ. ގުރުވަ، އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދުގެ މަޤާމުގެ މުއްދަތު އަންނަ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ޢަބްދުލްޢަޒީޒް ޢައްޔަންކުރައްވަން ރައީސް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
ޢަބްދުލްޢަޒީޒަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަނަރުގެ މަޤާމު އަދާކުރެއްވި ބޭފުޅާއެވެ. އަދި އޭނާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ.
ޢަބްދުލްޢަޒީޒް މިހާރު ހުންނެވީ މިނިސްޓަރ އޮފް ކަލްޗަރ، އާޓްސް އެންޑް ހެރިޓޭޖުގެ މަޤާމުގައެވެ.
މި ލިޔުން ކިޔާލުމުން



