ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބުކިން ހަދައިދޭ ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކާއި، ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގޭ ގޮތަށް "މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު" އަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ. މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ ބިލާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ.
މި ބިލު ފާސްކޮށްފައިވަނީ ބައެއް މަފްހޫމްތައް އިތުރަށް ތަފްސީލުކުރުމަށްޓަކައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކާ އެކުގައެވެ.
ސަރުކާރުން މި އިޞްލާޙު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކޮށް، ރާއްޖެއިން ބޭރުގެ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކުން ޓެކްސް ނެގޭނެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމެވެ. އަދި ޓެކްސް ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.
މި އިޞްލާޙަށް އަމަލުކުރަން ފެށުމުން ބޭރުގެ ޓްރެވަލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އަދި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާ އެކު، ދައުލަތުގެ އާމްދަނީއަށް އަހަރަކު ޖުމްލަ 1.61 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މަޖިލީހުން މިއަދު ފާސްކުރި މި އިޞްލާޙާ އެއްގޮތަށް ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ލިޔުން ކިޔާލުމުން



