ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް މިއަހަރުގެ އޮގަސްޓް މަހުގެ 23 އިން 25 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޚާރިޖީ ވުޒާރާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.
ބާސެލޯ ނަސަންދުރަ މާލެ ހޮޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްތަކަކީ ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާއާއި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން، އެންޓީގާ އެންޑް ބާބޫޑާގެ ސަރުކާރާއި އދ. ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ލީސްޓް ޑިވެލޮޕްޑް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އޯ.އެޗް.އާރު.އެލް.އެލް.އެސް) ގުޅިގެން އިންތިޒާމުކުރާ ބައްދަލުވުންތަކެކެވެ.
މި ފޯރަމް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދިޔައީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ 4 ވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ގޮވާލައްވާފައެވެ. އަދި އެ ކޮންފަރެންސްގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ޕްލެނަރީ ސެޝަންތައް ރައީސުލްޖުމްހޫރިއްޔާ ޗެއާ ކުރެއްވިއިރު، ރާއްޖެއިން ވަނީ ކޮންފަރެންސްގެ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާގެ ދައުރު އަދާކޮށް، ގިނަ ޕެނަލްތަކާއި ސައިޑް އިވެންޓުތައްވެސް ބާއްވާފައެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ފޯރަމެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގައި ދައުލަތްތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި، އިންވެސްޓަރުންނާއި، އެހީދޭ ޖަމާޢަތްތަކުގެ ދައުރު ފުޅާކުރުމެވެ. މި ފަހަރުގެ ފޯރަމުގައިވެސް ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ދަތިތަކާއި ފުރުޞަތުތަކާ މެދު މަޝްވަރާކޮށް، ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޚާއްޞަ ގޮތެއްގައި، ރާއްޖެއިން ތަރައްޤީގެ މަގުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ދަސްވި ފިލާވަޅުތަކުގެ އިތުރުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޔާދަކުރަނިވި ހަކަތައާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ރާއްޖޭގެ ވިޔަފާރިތަކުން ކުރަމުންދާ އީޖާދީ މަސައްކަތްތައް ދައްކާލުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ރޭވިފައެވެ.
މީގެއިތުރުން، މި ބައްދަލުވުމުގެ ތެރެއިން "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)" ގެ ދަށުން އަލަށް ފަށާ އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ރަސްމީކޮށް އިފްތިތާޙު ކުރެވިގެންދާނެއެވެ. މި ފޯރަމްގެ އަމާޒަކީ ކުދި ޖަޒީރާ ޤައުމުތަކަށް އިންވެސްޓްމަންޓްތައް ހޯދުމާއި، ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމެވެ.
މި ފޯރަމްތަކުގައި ދުނިޔޭގެ 30 އަށް ވުރެ ގިނަ ޤައުމަކުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުގެ ނޫސްބަޔާނުގައި ވެއެވެ.



