ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ޤާއިމުކުރަމުންދާ ނިޒާމުތައް ހިންގުމާއި ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ރ. އަތޮޅާއި ބ. އަތޮޅުގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ ރަށްރަށުގައި އަލަށް ޤާއިމުކޮށްފައިވާ ޑީސަލް، ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް ސިސްޓަމްތައް އަމަލީ ގޮތުން ހިންގާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، މި ތަމްރީނުގައި ރ. އަތޮޅާއި ބ. އަތޮޅުގެ ބްރާންޗްތަކުގެ މުވައްޒަފުންގެ އިތުރުން، ސްޓެލްކޯ އަދި ފެނަކައިގެ ހެޑް އޮފީހުގެ ޓީމުތަކުން ވެސް ބައިވެރިވާ ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަލަށް ތަޢާރަފުކުރެވުނު ހައިބްރިޑް އެނާޖީ ސިސްޓަމްތައް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓްކޮށް، ދިމާވެދާނެ މައްސަލަތައް ހައްލުކުރުމުގެ ޢަމަލީ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ދިވެހި މުވައްޒަފުންނަށް ހޯދައިދިނުމެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިފަދަ ތަމްރީނުތަކުގެ ސަބަބުން ރަށްރަށުގައި ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



