މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ބޮޑު އަދަދެއް ކަނޑައެޅި ނަމަވެސް، އަހަރުގެ ބޮޑުބައި ނިމުނުއިރު ބޭނުންކުރެވުނީ އޭގެ ކުޑަ މިންވަރެއްކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ގެ ދަށުން ސިއްހީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް 814.7 މިލިއަން ރުފިޔާ ބަޖެޓުކުރިއެވެ. ނަމަވެސް، އަހަރު ނިމެން ބާކީ ހަތަރު މަހަށް ވެފައިވާއިރު ހަރަދުކުރެވުނީ އެންމެ 232.0 މިލިއަން ރުފިޔާއެވެ.
ސިއްހީ މަޝްރޫއުތައް މަޑުޖެހިފައިވާއިރު، ސިއްހީ އަދި ތައުލީމީ ދާއިރާއަށް އިސްކަންދީގެން ފުޅާ ދާއިރާއެއްގައި އައު މަޝްރޫއުތައް ހިންގަވާނެ ކަމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަނެއްކޮޅުން، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19.3 އިންސައްތަ އިތުރުވެ، 28.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ހިންގުމުގެ ހަރަދު 20.9 އިންސައްތަ އިތުރުވެ 24.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ވަނީ 9.1 އިންސައްތަ އިތުރުވެ 3.6 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.



