އެމްޓީސީސީގެ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއި އެ ކުންފުނީގެ ބައެއް އިސްވެރިންގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރޑް) ޢަލީ ޒުހައިރާއި އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.
އެމްޓީސީސީން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން އެ ކުންފުނީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ އެ ކުންފުނީގެ މުވައްޒަފުން ހިތާމަކުރާ ކަމެއް ކަމަށާއި، އެކަން ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން ޤަބޫލުކޮށް، އެއީ މުވައްޒަފުންގެ ހެވާއި ލާބައަށްޓަކައި ކޮންމެހެންވެސް ކޮށްދޭންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ އެމްޑީ ސަޢުދީގެ އިސްނެގުމުގެ މަތިން ރައީސް އޮފީހަށް ހިޔށަ މަޝްރޫޢު އަލުން ކުރިއަށްގެންދިއުމަށްޓަކައި ބިމެއް ހަމަޖައްސައިދިނުމަށް އެދުމުން، ރައީސް އޮފީހުން އެކަން ހަމަޖައްސައިދިނުމަށް އެޗްޑީސީއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.



