އުތުރު ކޮރެއާގެ އަތުގައި 80 އާއި 120 އާ ދެމެދުގެ އަދަދަކަށް ނިއުކްލިއާ ވޯހެޑް ހުރި ކަމަށް އަންދާޒާކުރެވޭ ކަމަށް ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު އާން ގްޔޫ-ބެކް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. މި އަދަދަކީ އުތުރު ކޮރެއާގައި ހުރީ 57 ނިއުކްލިއާ ހަތިޔާރު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުން ވިދާޅުވި އަދަދަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ.
ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު އާން ވިދާޅުވީ، އުތުރު ކޮރެއާގެ އަތުގައި ގާތްގަނޑަކަށް 80 އާއި 120 އާ ދެމެދުގެ އަދަދަކަށް ވޯހެޑް ހުރި ކަމަށް އާންމުކޮށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް ސީދާ އަދަދެއް ކަނޑައަޅަން ދަތި ކަމަށެވެ. ފަހުން އޭނާ ސާފުކޮށްދެއްވި ގޮތުގައި، މި އަދަދަކީ އަމިއްލަ ދިރާސާ ކުރާ ޖަމިއްޔާތަކުގެ އަންދާޒާތަކުން ނަގާފައިވާ އަދަދެއް ކަމަށާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ރަސްމީކޮށް އެ އަދަދުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކިމް ޖޮންގް އުންގެ އަތުގައި 57 ނިއުކްލިއާ ހަތިޔާރު ހުރި ކަމަށް ވިދާޅުވެ އެއްދުވަސް ކުރިން ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ސުވާލު ކުރުމުން، އާން ވިދާޅުވީ އަދަދުތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ފެންނަން ހުރި ކަމަށެވެ. އަދި އުތުރު ކޮރެއާއަކީ ނިއުކްލިއާ ހަތިޔާރު އެޅި ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، ސޯލްގެ ދިގު މުއްދަތުގެ ނޮން-ނިއުކްލިއާ ސިޔާސަތު އޭނާ ވަނީ އަލުން ތަކުރާރު ކުރައްވާފައެވެ.
މި ވާހަކަތައް އައިސްފައި މިވަނީ، އެމެރިކާ އަދި ދެކުނު ކޮރެއާ ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް ކުޑަކުރުމަށް ޓްރަމްޕް އަމުރުކުރެއްވުމަށްފަހު، ކިމްއާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން އަލުން އާލާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އުތުރު ކޮރެއާގެ ލީޑަރުގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވަނީ މި ތަމްރީނުތަކަކީ އަދިވެސް އުދުވާނީ ސިފަ އެކުލެވޭ ތަމްރީނުތަކެއް ކަމަށް ވިދާޅުވެ، ފިނި އިޖާބައެއް ދެއްވާފައެވެ.
ބުދަ ދުވަހު ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ މިއަހަރުގެ ފަހުކޮޅު ކިމްއާ ބައްދަލުކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިއީ 2018 އަދި 2019 ވަނަ އަހަރު ބޭއްވި ސަމިޓްތަކަށްފަހު ހުއްޓުމަކަށް އައިސްފައިވާ ޑިޕްލޮމެޓިކް މަޝްވަރާތައް އަލުން ފެށިދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.



