މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ހަތަރު ވަނަ ދިވެއްސަކު ހާސިލުކޮށްފައެވެ.
މިގޮތުން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައިވަނީ އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު، މއ. އަސާސް އެވެ.
މުބާރާތުގެ ހަތަރު ވަނައަށް ޚާއްސަ އިނާމެއްގެ ގޮތުގައި އެއްލައްކަ ހަތްދިހަ ހާސް ރިޔާލް ކަނޑައަޅާފައިވެއެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި އަންހެން ބައިވެރިން މުބާރާތުގައި ވާދަކުރި ފުރަތަމަ އަހަރުކަން ފާހަގަކޮށްލެވެ. މިއަހަރުގެ މުބާރާތުގައި ދުނިޔޭގެ 133 ޤައުމަކުން ބައިވެރިން ވާދަކޮށްފައިވެއެވެ. މިއީ މި މުބާރާތް ބޭއްވި 46 ވަނަ އަހަރެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލްކުރި ބައިވެރިއަކަށް މުބާރާތުން ޚާއްސަ ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއްކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ޙަރަމްފުޅުގައި ބޭއްވުނު ޚާއްސަ ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މީގެ އިތުރުން މިޖަލްސާގައި ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ ޢަބްދުއްރަޙްމާނުއް ސުދައިސް ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ.
މި ޙަފްލާއަށްފަހު ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް، ހިޒް އެކްސެލެންސީ ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން



