މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ވެހިކަލްތައް ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދުމަށް އިއުލާނުކޮށްފައިވަނީ ފޯކްލިފްޓަކާއި ޕަވާގޭޓް ޕިކަޕެކެވެ. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 43,160 ރުފިޔާ ކަނޑައަޅާފައިވާއިރު، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށްފަހު މެއިލް ކުރަންޖެހެއެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.
އިއުލާނުގައިވާ ގޮތުން މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ގައި އޮންނާނެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ސެޕްޓެމްބަރު 3 ވަނަ ދުވަހު އިސްކަންދަރު ކޮށީގައެވެ.
އަންދާސީހިސާބު ހުށަހަޅާ ފަރާތް ނުވަތަ ކުންފުންޏާ މެދު ޝަރުއީ ކޯޓެއްގައި މައްސަލައެއް ހިނގަމުންދާނަމަ ނުވަތަ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މައްސަލައެއް ސާބިތުވެފައިވާނަމަ ބިޑް އެވޯޑުނުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. މީގެއިތުރުން، އަގު ހުށަހަޅާ ފޯމާއި، ކުންފުނީގެ ޕްރޮފައިލް، ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް އަދި ބިޑް ސެކިއުރިޓީގެ އަސްލު ފަދަ މުހިންމު ލިޔުންތައް ހުށަނާޅާނަމަ ބިޑް ރިޖެކްޓްވާނެކަމަށް ފުލުހުން ފާހަގަކުރިއެވެ.



