އާދިއްތަ, October 11
ޕާކިން މައްސަލައަށް ހައްލެއް ހޯދަން މާލެއިން އަމިއްލަ ބިން ގަތުމުގެ ޕްލޭނެއް ފާސްކޮށްފި

މާލޭ މަގެއްގައި ޕާކުކޮއްފައި ހުރި ސައިކަލް ތަކެއް/ފޮޓޯ – ސިޓީ ކައުންސިލް

މާލޭގެ އެންމެ ތޮއްޖެހުން ބޮޑު ސަރަހައްދުތަކުން ވިއްކަން ބޭނުންވާ އަމިއްލަ މީހުންގެ ބިންތައް މާލޭ ސިޓީ ކައުންސިލުން ގަނެ، އެ ބިންތަކުގައި ޕާކިން އިމާރާތްތައް ތަރައްގީކުރުމަށް ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ކައުންސިލުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި މިކަން ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު ފަރުހާން ޝަފީއުއެވެ. އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތައް އިތުރުވެ، ހުސްބިން ނެތުމުގެ ސަބަބުން މަގުތައް ބެދި، އާންމުންނަށާއި އިމަޖެންސީ އުޅަނދުތަކަށް ދަތިވަމުންދާތީ، އެންމެ އެދެވޭ ހައްލަކީ އަމިއްލަ ބިންތައް ގަނެގެން ޕާކިން މައްސަލައަށް ހައްލު ހޯދުން ކަމަށެވެ. އަދި ކައުންސިލްގެ ބަޖެޓަށް ބުރަނުވާނޭހެން، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ނުވަތަ ބީއޯޓީ އުސޫލުން އަމިއްލަ ފަރާތްތަކާ ގުޅިގެން މަލްޓި ސްޓޯރީ ޕާކިން އިމާރާތްތައް ތަރައްގީކުރެވިދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހުށަހެޅުމާ ގުޅިގެން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެއިން ދޫކޮށްލާ ބިންތަކުގެ ބަދަލުގައި ހުޅުމާލެ ނުވަތަ ގުޅިފަޅުން އެ ސައިޒުގެ ބިން ދޫކުރެވޭނެ ގޮތެއް އާ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ވިސްނަވާ ކަމަށެވެ. މީގެއިތުރުން މާލޭގައި ހުރި ދައުލަތުގެ ނުހަދާ ހުރި ބިންތައް ރައްޔިތުންގެ ބޭނުންތަކަށް ދޫކޮށް، ސަރުކާރު ކުންފުނިތަކަށް ގުޅިފަޅު ނުވަތަ ތިލަފުށި ފަދަ ތަންތަނުން ބިން ދިނުމަށް ޕްރޮޕޯޒްކުރައްވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުގެ އިއްތިފާގުން ވަނީ ފަރުހާންގެ މި ހުށަހެޅުން ލޭންޑް ޔޫސް ޕްލޭންގައި ހިމެނުމުގެ މަސައްކަތަށް ޕްލޭން ކޮމިޓީއަށާއި އާބަން ކޮމިޓީއަށް ފޮނުވުމަށް ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު